ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓުން ހިމަނައިގެން ހަދާ ކޮމިޝަނަކަށް އިންސާފުވެރި ތަހުގީގެއް ނުހިންގޭނެ: ޕީޕީއެމް/ޕީއެންސީ

އެމްޑީޕީގެ އެކްޓިވިސްޓުން ހިމަނައިގެން ހަދާ ކޮމިޝަނަކަށް އިންސާފުވެރި ތަހުގީގެއް ނުހިންގޭނެ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގޮތްނޭނގޭ މަރުގެ މައްސަލަތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މިނިވަން އިންސާފުވެރި ތަހުގީގެއް ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ސަބަބަކީ އެ ކޮމިޝަނަށް މީހުން އައްޔަންކުރާ ގޮތް. އެމްޑީޕީގެ އެކްޓިވިސްޓުން ލައިގެން ހަދާ ކޮމިޝަނަކުން އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. 24 ގަޑިއިރުގެ ތެރޭގައި މީހެއްގެ މަރުގެ ކަންތައް ހޯދައި ހާމަކޮށްދޭނެ ކަމަށް ވިދާޅުވެފައި އަށް މަސްވެގެންދާއިރު ވެސް އެކަން ނުކުރެވުނީމަ، އެކަމާ މެދު ސުވާލުކުރާކަށް ނުޖެހޭ ދެއްތޯ، މިސަރުކާރުގެ ގާބިލުކަމާ ދޭތެރެއަކު،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މަރުތައް ބަލާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިން އިރު، އެ ކޮމިޝަނުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ތިއްބަވާ މެމްބަރުންތަކެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި ނުވަތަ އެމްޑީޕީ ވެރިކަމަށް ގެންނަން މަގުމަތީގައި ހަރަކާތްތެރިވި މީހުން ނުވަތަ އެބޭފުޅުންގެ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅުންގެ މައްޗަށް އެކުލަވާލާފައި، ގާނޫނު އަސާސީއާ ފުށުއަރާ ވަރުގެ ބާރުތަކެއް ދިނީމަ، ދެން މިކަންކަން ހިނގާނީ އިންސާފުގެ މަގުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ގާނޫނެއް ގެނެސްފައިވަނީ ކޮމިޝަން އެކުލަވާލި ފަހުން ކަމަށާއި ކޮމިޝަނެއް އެކުލަވާލުމަށްފަހު ގާނޫނެއް ހަދައިފިއްޔާ، އެ ގާނޫނުގެ ދަށުން އަލުން ކޮމިޝަން އެކުލަވާލަން ޖެހޭނެ ކަމަށެވެ.