ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އިތުރު ދެ މެމްބަރަކު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޖާބިރާއި އިތުރު ދެ މެމްބަރަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. ޖާބިރަކީ ނިމިދިޔަ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މެމްބަރެކެވެ.
ޖާބިރާއެކު ޑީއާރުޕީއަށް ގުޅިވަޑައިގަންނަވާ މެމްބަރުންނަކީ ކޮބައިތޯ އާއި އެ މެމްބަރުންނަކީ ވެސް އަމިއްލަ މެމްބަރުންތޯ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ އެ މެމްބަރުންގެ ނަންތަކާއި އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށާއި އެ ތިން މެމްބަރުން ޑީއާރުޕީގެ އަހަރީ ދުވަހު ސޮއިކުރެއްވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތުކުރަމުން އަންނަ ކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހަކީ ޑީއާރުޕީގެ 14 ވަނަ އަހަރީ ދުވަހެވެ.