ޚަބަރު

މީޑިއާ ފްރީޑަމްގެ ގްލޯބަލް ޕްލެޖްގައި ރާއްޖޭގެ ފަރާތުން ޑރ.ފަރަހަނާޒް ސޮއިކުރައްވައިފި

މަރިޔަމް ޝަހުދާ

މީޑިއާ ފްރީޑަމްގެ ގްލޯބަލް ޕްލެޖްގައި ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ރާއްޖޭގެ ފަރާތުން ސޮއިކުރައްވައިފި އެވެ.

މި ޕްލެޖްގައި ފަރަހަނާޒް ސޮއި ކުރައްވާފައިވަނީ މިހާރު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ކުރިއަށްދާ ގްލޯބަލް ކޮންފަރެންސް ފޯ މީޑިއާ ފްރީޑަމްގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ޑރ.ފަރަހަނާޒް ސޮއި ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ޕްލެޖްގެ ދަށުން މީޑިއާގެ މިނިވަންކަމާއި ހައްގުތައް ކަށަަވަރު ކުރުމަށް ރާއްޖޭގެ ސަރުކާރަށް ލާޒިމްކުރެއެވެ. އެގޮތުން މި ޕްލެޖްގެ ދަށުން ސަރުކާރުން މީޑިއާގެ ހައްގުތަށް ކަށަވަރުކޮށްދީ، މީޑިއާއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދިނުމުގެ އިތުރުން މީޑިއާއަށް ލިބެންޖެހޭ ފުރުސަތުތައް ތަނަވަސްކޮސްދިނުމުގައި އެހީވާން ޖެހެއެވެ.

ގައުމުގެ ހުރިހާ ނޫސްވެރިންނާއި، މީޑިއާ އޯގަނައިޒޭޝަންތައް، ލޯޔަރުން، ބަހުގެ މާހިރުން އަދި އާންމުންނަށް ސަރުކާރުގެ އެހީއާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް ސަރުކާރުން އެއްބާރުލުން ދިނުމަށް މި އެއްބަސްވުމުގައި ވެއެވެ. އަދި އދ ފަދަ ޖަމިއްޔާތަކާއެކު ނޫސްވެރިންނަށް ދިމާވާ އެކިދަތިތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް މި ޕްލެޖްގައި ވެއެވެ. މީގެ އިތުރުން ސަރުކާރުން މީޑިއާތަކުގެ ކުރިއެރުމަށް އެއްބާރުލުންދީ، އެހީވުމށް މި ޕްލެޖްގައި ވެއެވެ.