ސިޔާސީ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަންވާނެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ.
ރައީސް ނަޝީދުގެ ޖަލު ހުކުމް މުރާޖައާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގައި ވަކިގޮތެއް ކަނޑައަޅައި ނިމެންދެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ދުންޔާ ވިދާޅުވީ ގައުމީ މުއައްސަސާތަކުން މަރުހަލާތައް ފުރިހަމަކުރާތަން ފެނުމަކީ ރަނގަޅު ކަމެއް ކަމަށާއި ޝަރުއީ ދާއިރާ މިނިވަންވާނެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ އިރު، މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކުރިން އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.