ނ. މިލަދޫ ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް ސޯލިހު މިލަދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު ފަދަ ރަށުގައި ކުރިއަށްދާ އެންމެ މުހިއްމު މަޝްރޫއުތައް ރައީސް ސޯލިހުއާއި ކައުންސިލްގެ ފަރާތުން ހިއްސަކުރެއްވި އެވެ. މީގެ އިތުރުން ރަށަށް ދިމާވެފަިއވާ އެކި މައްސަލަތައް ފާހަގަކުރެއްވި އެވެ. އެގޮތުން ރަށުގެ ކައުންސިލް އިދާރާ ހިންގާނެ އިމާރާތެއް ނެތުމުގެ މައްސަލައިގެ އިތުރުން ރަށް ގިރާ މައްސަލައާއި ރަށަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް މުހިއްމުކަން މިލަދޫ ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވައިފައެވެ.
މިލަދޫ ކައުންސިލުން ހިއްސާކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ އެންމެ ފަހު މައުލޫމާތު މި ބައްދަލުވުމުގައި ކައުންސިލަރުންނާއި ރައީސް ހިއްސާކުރެއްވި އެވެ. އަދި ކައުންސިލްގެ ފަރާތުން އިތުރަށް ހުށަހެޅުއްވި ކަންކަން ކަމާބެހޭ އިދަރާތަކާ މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.