ޝަހީދާ އަބްދުﷲ ސައީދު
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ބަލައި، ހިޔާލު ހޯދުމަށް ކުރައްވާ ދަތުރުފުޅެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މެދުރާއްޖެ ތެރޭގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، އަލީ ވަހީދުގެ މިދަތުރުފުޅުގައި ވ، މ، އަދި ފ. އަތޮޅުން ޖުމްލަ ހަތް ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން ވ. ރަކީދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ އަދި މ. އަތޮޅުން ވޭވަށާއި މުއްޔަށް ވަޑައިގަންނަވާނެއެވެ. އަދި ފ. އަތޮޅު މަގޫދޫ އާއި އެއަތޮޅު ބިލެއްދުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ބެލުމަށް، ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ބެހޭގޮތުން ކައުންސިލުތަކާއި އަތޮޅު ކައުންސިލްގެ އިތުރުން ވިޔަފާރީގެ އެންމެހާ މަސްލަހަތުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިއީ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ސިޔާސަތު ބައްޓަންކުރުމަށް ބޭނުންވާ ހިޔާލާއި ލަފާ ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.