ދިވެހިރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިހުތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބައެއް ކަމަށާއި މުޖްތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ޤަބޫލުކުރާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާއަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސުން ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" ނެރެދެއްވުމަށްފަހު، ވާހަކަ ފުޅު ދައްކަވަމުންނެވެ.
މިކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގޭންގު މާރާމާރީ އާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިފާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.