މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި އަނިޔާކުރި ހާދިސާގެ ރިޕޯޓް ހޯމް މިނިސްޓަރާއި ހަވާލުކޮށްފި

މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ތައްޔާރުކުރި ރިޕޯޓް ހޯމް މިނިސްޓަރާއި ހަވާލުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، 20 ޖޫން 2019 ގައި ކ. މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅޭގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ގެ 10 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އެކުލަވާލަންޖެހޭ ރިޕޯޓް ހޯމް މިނިސްޓަރުގެ އަތްޕުޅަށް އަރުވާފައިވާކަމަށެވެ.

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރު އުފައްދާ މަގާމެކެވެ.

އެމަގާމުގައި ހުންނަވާ ބޭފުޅަކު، ޖަލުގެ ހާލަތާއި ގުޅޭގޮތުން ހޯމް މިނިސްޓަރަށާއި ޕްރިޒަންސް ކޮމިޝަނަރަށް ލަފާދެއްވާނެއެވެ. އަދި ޖަލުތަކުގެ ހާލަތު ބަލައި އެކަންކަމާ ބެހޭ ރިޕޯޓް ތައްޔާރުކޮށް ހޯމް މިނިސްޓަރާއި ހަވާލުކުރުމަކީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.

މިދިޔަ މަހުގެ ފަހުކޮޅު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި އޮފިސަރަކަށް ހަމަލާދީފައިވެއެވެ. ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެމައްސަލައިގައި ޕްރިޒަންސް ކޮމިޝަނާ އަބްދުﷲ މުނާޒު ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވައިފައެވެ.

މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާގައި އޮފިސަރުން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.