ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޯޓަށް ހާޒިރުކުރައްވާނެކަން މާކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައި އަދުރޭ ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. އަދުރޭ ވިދާޅުވީ ޗުއްޓީއަށް މެލޭޝިއާއަށް ވަޑައިގެންނެވީ އާއިލާއެކު ޗުއްޓީ ހޭދަކުރެއްވުމަށާއި ބޭސްފަރުވާއަށް ކަމަށެވެ.
އަދުރޭ މިރޭ ރާއްޖެ ވަޑައިގެންނެވި އިރު، ރައީސް ޔާމީން މާދަމާ ހެނދުނު 11:30ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ ޗިޓު ފޮނުވައިފައެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރަމުން އަންނަ، މަނީ ލޯންޑްރިންގެ ޝަރީއަތުގެ އަޑުއެހުމަކަށެވެ.
"ރައީސް ޔާމީން ކޯޓަށް ހާޒިރުކުރާނެކަން އަޅުގަނޑުމެންނަށް އެނގޭ މާކުރިންވެސް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަދި އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއްޔާ ކޯޓަށް ވަޑައިގަންނަވާނެ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު އިދިކޮޅުގައި މަސައްކަތްކުރައްވަން ހުންނެވުމަކީ މި ސަރުކާރަށް ކެތްކުރެވޭ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ކޯޓުގައި ރައީސް ޔާމީނަށް ކުރައްވާ ސުވާލުތަކަށް ސާފުކޮށް ޖަވާބުދެއްވައި، ދިފާއުވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.