މާލެގައި ފަހާތަނަކުން ވައްކަން ކުރަން އުޅެނިކޮށް 24 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ޝަހީދު ކުޑަނެވި ތުއްތު މަގުގައި ހުންނަ ފަހާތަނެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ ތެރެއިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި އޭނާގެ އަތުގައި އޮތް ދަބަހުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެއްޗަކީ މިމީހާ ހައްޔަރު ކުރި ފަހުން ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެގޮތުން މި މީހާ ހައްޔަރު ކުރެވުނު ފަހުން ފުލުހުންނަށް މާލޭގެ ގަލޮޅުގެ ގެއަކުން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ހައްޔަރު ކުރި މީހާ އަތުން ފެނުނީ އެގެއިން ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.