ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އަކީ އަހުމަދު ޝަރީފްކަމަށް ބުނެ މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކަން އާންމުކޮށްފައިވަނީ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ. ނޫސްބަޔާނުގައި ކުންފުނީގެ ފަރާތުން ބުނެފައިވާގޮތުގައި ސައިރިކްސް ކޮލެޖްގެ ޗެއާމަންގެ މަގާމުގައި ހުރި ޝަރީފު ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ 11 ޑިސެމްބަރ 2013ގެ ނިޔަލަށެވެ. އެއީ 11 ޑިސެމްބަރ 2013 ގައި ޝަރީފްވެސް ހިމެނޭގޮތަށް ކުރިއަށްގެންދިޔަ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރ ބައްދަލުވުމުގެ ތެރެއިން ބޯޑް އޮފް ޑިރެކްޓަރުންގެ ސޮޔާއެކު ފާސް ކުރެވުނު ގަރާރުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ފާތިމަތު ތަސްލީމާ އައްޔަން ކުރެވުމާއެކު ކަމަށް ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑް ކުންފުނިން މައުލޫމާތު ދެއެވެ.
ޝަރީފަށް ކުންފުނީގެ ފަރާތުން ހިއްސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މީޑިއާގައި އޭނާ ދައްކާފައިވާ ވާހަކަތައް ދޮގު ކުރަމުން ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ އޭނާއަށް ހިއްސާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 2007 ވަނަ އަހަރު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަރީފް އާއި އޭނާގެ އަންހެނުންގެ 90 ހިއްސާގެ ފައިސާ 2007 ވަނަ އަހަރު ސެޕްޓެމްބަރ މަހު 30ގައި ދައްކާ ހަލާސްކޮށްފައިވާނެ ކަމަށް ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑް އިން ބުނެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން މިއަހަރު މާޗް 28ގައި އިއްވި ހުކުމްގެ މަތިން ދިވެހި ދައުލަތާއި އެއިމް ކުންފުނިން ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާ އާއި ގުޅޭގޮތުން ދައުލަތާ މަޝްވަރާ ކުރުމަށްފަހު ވިލާގެ ބައެއް ކުންފުނިތަކުން 30 ޖޫން 2019ގެ ނިޔަލަށް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އެ ފައިސާއިން އުނިކޮށްފައިވާނެ ކަމަށް ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑްއިން މައުލޫމާތު ދިނެވެ. އެކުންފުނިން ބުނިގޮތުގައި ކުންފުނިން އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ 16.6 މިލިއަން ޑޮލަރުގެ ތެރެއިން ވިލާގެ ބައެއް ކުންފުނީގެ ޓެކްސްގެ ގޮތުގައި ދައުލަތުން ކަނޑާފައިވަނީ ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދައްކަން އެދުނު 15 މިލިއަން ޑޮލަރުންނެވެ. އެ ކުންފުނިން މިކަން ސާފުކޮށްފައިވަނީ ކުންފުނީގެ ކުރީގެ އެމްޑީ މީޑީއާގައި ދައްކާފައިވާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ޑަބްލިއުއެލްޓީ އިން މައުލޫމާތު ދިން ގޮތުގައި ވިލާގެ ބައެއް ކުންފުނިތަކުގެ ކުލި އެ ފައިސާ އިން ދައްކާފައިވަނީ 2007 ވަނަ އަހަރު ސެޕްޓެމްބަރ 30ގައި ވިލާ ޝިޕިންގް އެންޑް ޓޭރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ވިލާ ޝިޕިންގް އަތުން އެ ކުންފުނިން ނެގި ފައިސާ އަނބުރާ ދެއްކުމުގެ ގޮތުންނެވެ. ޑަބްލިއުއެލްޓީ އިން ދައުލަތަށް އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރަކީ ވިލާ ޝިޕިންގް އަތުން އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާ ކަމަށް ވީއިރު، އެއްބަސްވުމާ އެއްގޮތަށް ވިލާ ޝިޕިންގްއަށް ޑަބްލިއުއެލްޓީ އިން ފައިސާ ދެއްކިފައިނުވާ ކަމަށް އެކުންފުނިން ހާމަކުރި އެވެ. އަދި ޝަރީފް ހިމެނޭ ގޮތަށް ކުންފުނިން 19 އޮކްޓޯބަރ 2014ގައި ބޭއްވި ކުންފުނީގެ ބޯޑުގެ ޖަލްސާގައި ކުންފުނިން ސަރުކާރަށް އެޑްވާންސް ފައިސާ ދެއްކި ތިން ރަށާ ގުޅިގެން ކުންފުންޏަށް ލިބިދޭ އެންމެހާ ހައްގުތައް ވިލާ ޝިޕިންގް ކުންފުންޏަށް ދޫކޮށްލުމަށް ނިންމި ކަމަށް ޑަބްލިއުއެލްޓީ އިން ބުނެއެވެ.
މީޑިއާގައި ކުންފުންޏާ ގުޅޭ ގޮތުން މިހާރު ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު މިބަޔާނުގައި ޑަބްލިއުއެލްޓީ އިން ވަނީ މީޑިއާގައި ދައުރުވާ ހަގީގަތާ ހިލާފު ވާހަކަތައް ކުށްވެރިކޮށް އެކަމާ މެދު ކުންފުނިން ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.