ހުޅުމާލޭގައި އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:25 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް މީހެއްގެ ބޮލަށް ވެއްޓިގެން، އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ އެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކަށް ކަމަށާއި ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓުނު ހާދިސާއެއްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ މަސައްކަތްކުރަމުންދިޔަ ޑަބްލިޔު ކޮންސްޓްރަކްޝަން ވަނީ ޖޫރިމަނާކޮށްފައެވެ.