އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ ޝަކުވާއެއް ތަހުގީގުކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ވަނީ އެ ޝަކުވާތައް ތަހުގީގުކުރުމަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.
ޖޭއެސްސީން ތަހުގީގުކުރަން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ ޝަކުވާއެއް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އެ ދެ ޝަކުވާ ތަހުގީގުކުރުމަށް ނެގި ހަތް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި މެމްބަރު މުހައްމަދު އީސާފުޅާއި މެމްބަރު ހިސާން ހުސައިން އާއި މެމްބަރު އަބްދުލްހަންނާނު އަހްމަދާއި މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އިބްރާހީމް ރިފްއަތެވެ.
ޖޭއެސްސީން ވަނީ މީގެ ކުރިން ސުޕްރީން ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ވެސް ތަހުގީގުކޮށްފައެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު މައްސަލަ ތަހުގީގުކުރި ކޮމިޓީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީގެ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް އިއްޔެ އިން ފެށިގެން ފަނޑިޔާރު އަބްދުﷲ ދީދީއަށް ވަނީ 30 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ދީފައެވެ.