ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވައި ނުސާފުވުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މައުލޫމާތު ދީފި

ވައި ނުސާފުވުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ސަރުކާރުގެ ވުޒާރާތަކާއި ބައެއް ޕްރައިވެޓް ކުންފުނިތަކާއި އަތޮޅުތެރެއިން ސިއްހީ ހިދުމަތްދޭ ދެ އިދާރާއެއްގެ މުވައްޒަފުންނަށް މައުލޫމާތު ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އިއްޔެ އާއި މިއަދު ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ބޭއްވީ، ޝައިން ޓްރީ ބިލްޑިންގުގައެވެ.

އެޗްޕީއޭއިން ބުނީ ޖުލައި 2019 އަށް "އެއަރ ޕޮލިއުޝަން އެންޑް ހެލްތު ޕްރޮޓެކްޓިން ކޮމިއުނިޓީސް" ގެ ނަމުގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ތަޖުރިބާކާރުން، ބައިވެރިންނަށް މައުލޫމާތު ދިނުމުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި ޕްރޮގްރާމެއް ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮގްރާމުގައި "އެއަރ ކޮލިޓީ" މިންގަނޑުތައް ބެލުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރުމަށް މުވައްޒަފުން އަހުލުވެރިކުރި ކަމަށެވެ.

އަދި މާދަމާ، މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށާއި ޕްރައިވެޓް ކުންފުނިތަކަށް އަމާޒުކޮށްގެން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެއްޓަށް ކުރަމުންދާ ނުރައްކާތެރި އަސަރުތައް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ''ކްލައިމެޓް އެންޑް ކްލީން އެއަރ ކޮއެލީޝަން'' އަދި ޔޫ.އެން އެންވަޔަރަންމަންޓް ގުޅިގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ "ބްރީތްލައިފް ކެމްޕޭން"ގައި ދިވެހިރާއްޖެއިން ނޮވެމްބަރު 2018 ގައި މާލެ ސިޓީ ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ބްރީތުލައިފް ކެމްޕޭން އިފްތިތާހުކޮށް ބްރީތުލައިފް އެކްޝަން ޕްލޭންގައި ހިމެނިފައިވާ މަސައްކަތްތައް ތަންފީޒުކުރުމުގެ ކުރިން ގުޅުންހުރި މުއައްސަސާތައް މިކަމަށް އަހުލުވެރި ކުރުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.