ޚަބަރު

ކެސިނޯ ނާޅާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ވިދާޅުވުމުން ޖާބިރު ރުޅިގަދަވެއްޖެ

މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަބުދުﷲ ޖާބިރު ރުޅިގަދަވެ އަޑުގަދަ ކުރައްވައި މިނިސްޓަރަށް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރާ މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން ޖާބިރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ލީޑާޝިޕްގައި ކެސިނޯ އެޅުމަށް ވިސްނާފައި ނުވާ ކަމަށާއި، ރާއްޖޭގެ ފަތުވެރިކަން ގެންދާނީ މާތްވެގެންދާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތަށް ކަމަށެވެ.

މިނިސްޓަރުގެ ސުވާލާ ވިދިގެން ރާއްޖޭގައި ކެސިނޯ ނޭޅެންވީ ކީއްވެގެންތޯ ޖާބިރު ސުވާލު ކުރެއްވިއެވެ. އަދި ބަނގުރަލާއި އޫރު މަސް ހަރާމް އެއްޗަކަށްވާއިރު، ރިސޯޓުތަކުގައި އެތަކެތި ވިއްކަނީ ކީއްވެގެންތޯ ވެސް ޖާބިރު ސުވާލުކުރެއްވިއެވެ.

ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެތަކެތި ރާއްޖެ އެތެރެ ކުރަނީ ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދަކުން ކަމަށެވެ.

އަދި ރާއްޖޭގައި ކެސީނޯ ނޭޅޭނެކަމަށް މިނިސްޓަރު އަލީ ވަހީދު ތަކުރާރު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ރުޅިގަދަވެ ޖާބިރު ގޮނޑިން ތެދުވެ ވަޑައިގެން ބާރަށް ހަޅޭއްލަވައި އަތް އުއްކަވައި އަލީ ވަހީދަށް އެއްޗެތި ގޮވަމުން ގެންދެވިއެވެ.

އެންމެ ފަހުން އެ ހުންނެވި ރުޅިއާއެކު ހަޅޭއްލަވަމުން ކޮމިޓީ ބައްދަލުވުމުން ޖާބިރު ނިކުންނެވިއެވެ.