ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފ. ދަރަނބޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އަދި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތު ދަރަނބޫދޫ ކައުންސިލްގެ ފަރާތުން ނައިބު ރައީސް އޮޅުންފިލުއްވެވިއެވެ.
އެގޮތުން ރަށު ކައުންސިލުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގެ ނަރުދަމާގެ މަޝްރޫއާއި ރަށުގެ ބަނދަރުގެ މަޝްރޫއު ނުފެށި އޮތުމުން ކުރިމަތިވާ ދަތިތަކާއި ރަށުގެ ސިއްހީ ހާލަތާއި އަދި ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކައުންސިލަރުން ވަނީ ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އެގޮތުން ދަރަނބޫދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.