ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރޭ ރާއްޖެ ގެނެސްފައިވާ އިރު، އެއީ ހަމަ އަސްލުވެސް ލުތުފީ ތޯ ނުވަތަ ނޫންތޯ ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ސުވާލު އުފައްދައިފަ އެވެ.
ބައެއް މީޑިއާތަކުން ވަނީ އެއީ ލުތުފީ ނޫން ކަމަށް ދޭހަވާ ގޮތަށް ވެސް ޚަބަރުތައް ފަތުރައިފަ އެވެ. އަދި ސޯޝިއަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ލުތުފީ ފިލުވައިފި ކަމަށާއި ރާއްޖެ ގެނައީ އެހެން މީހެއް ކަމަށް ބުނެ ތުހުމަތުތައް ކޮށްފަ އެވެ.
މި ކަމާ ގުޅޭ ގޮތުން، އެ ދާއިރާއިން ކިޔަވައިވިދާޅުވެގެން ހުންނެވި ޕްރޮފެސަރު އުގެއިލް ވަނީ ދާދި ދެންމެ ޓުވީޓެއް ކުރައްވައިފަ އެވެ. ލުތުފީގެ ކުރީގެ ފޮޓޯ އަކާއި ރޭ ނަގާފައިވާ އޭނާގެ ތިން ފޮޓޯއާއި އެކު ކުރެއްވި ޓުވީޓުގައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ "އެ ހުރިހާ ފޮޓޮއަކުން ވެސް ފެންނަނީ އެއް ޝަޚުސެއް" ކަމަށެވެ.
ރޭގެ އެމިރޭޓްސް ފްލައިޓުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ކަރެކްޝަނާއި ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި އޭނާ ފިލި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހަމަ އެއާ އެކު އޭނާގެ ހުކުމް ތަންފީޒުކުރުން އިއްޔެ އިން ފެށިގެން ފަށާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
"ޕްރޮފެސަރު އުގެއިލް "ވަން އޮންލައިން"އަށް ވިދާޅުވީ އެ ފޮޓޯ ތަކުގައި އެ ވަނީ އެއް ޝަޚުސެއް ކަމަށް ޓުވީޓު ކޮށްފައި އެވަނީ އެ ކަމަށް ޓަކައި ހަދާން ޖެހޭ މޫނުގެ ސިފަތައް ދެނެގަތުމުގެ ޚާއްސަ ޓެސްޓުތަކެއް ހެދުމަށްފަހު ކަމަށެވެ.