ކްރިމިނަލް ކޯޓް

ފިލި މައްސަލައިގައި ވަކީލަކު ހަމަޖައްސަން ލުތުފީއަށް 10 ދުވަސް ދީފި

ނޮވެމްބަރު، 3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން 10 ދުވަސް ދީފިއެވެ.

މި މައްސަަލައިގެ ޝަރީއަތުގެ މަޖިލިސް މިއަދު ކުރިމަނިލް ކޯޓުން ކުރިއަށް ގެންގޮސްފައި ވަނީ ވީޑިއޯ ކޮންފަރެންސްކޮށެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ކްރިމިނަލް ކޯޓުގައި އިންނަވައިގެން، ޝަރީއަތުގެ މަޖިލީހަށް ލުތުފީ ހާޒިރުކުރީ، ކ. މާފުށީ ކޯޓަށެވެ. ދައުލަތުގެ ވަކީލުން ޝަރީއަތުގައި ބައިވެރިވެ ވަޑައިގެންނެވީ ގޭގައި ތިއްބަވައިގެންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ލުތުފީ ބުނީ ވަކީލަކު އައްޔަންކުރަން ބޭނުން ކަމަށާއި، އެ ފުރުސަތު ހޯދައި ދިނުމަށް ދަންނަވާ ކަމަށާއި، އެކަން ކޯޓުން ކަރެކްޝަނަލް ސާވިސް އަށް އަންގަން އެދޭ ކަމަށެވެ.

އެކަމާގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ވިދާޅުވީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވައި، ވަކީލު ހަމަޖައްސަން ލުތުފީ އަށް ފޯނު ކޯލް ދިނުމަށް ކަރެކްޝަންސް އަށް އަންގަވާނެ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ދެކޮޅުތޯ ވެސް ލުތުފީއާ ގާޒީ ސުވާލު ކުރެއްވި އެވެ. ލުތުފީ ބުނީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ލުތުފީ އިސްވެ ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988ގައި މާލެ އަރައި ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލާފައި ވެއެވެ. އެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ.

ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވައިފައެވެ. އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އުޅުނީ ފިލައިގެންނެވެ.

ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ 2019 ވަނަ އަހަރުގެ މެއި މަހުގެ 1، ގައެވެ. ނަމަވެސް ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން އަލުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވައެއްގައެވެ.

އޭނާ މިހާރު ހުރީ މާފުށީ ޖަލުގައެވެ.