ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި ބަހަުގެ އެކެޑަމީން ބާއްވާ އަސްކަނި ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.
އަސްކަނި ފޮތް މައުރަޒު ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަޒީރެވެ.
މައުރަޒު ހުޅުވައިދެއްވުމަށްފަހު ޝަރުމާ ދެއްކެވި ވާހަކައިގައި ވިދާޅުވީ، ބަސްމޮށުންތެރިކަމާއެކު ރީތިކޮށް ވާހަކަ ދައްކައިލަން އެނގުމަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށެވެ. އަދި ވަަރަށް ހުނަރުވެރި ލިޔުންތެރިން ދިވެހިންގެ ތެރޭގައި އެބައުޅޭކަން ފާހަގަކުރައްވައި ޝަރުވާ ވިދާޅުވީ އެފަދަ ބޭފުޅުންގެ ހުނަރު ފެނިގެން ނުދަނީ މާލީ އެހީތެރިކަން ނުވަތަ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ކަމަށެވެ.
އެހެންކަމުން ހުނަރުވެރި ބޭފުޅުންގެ ހުނަރު ދައްކާލުމަށް ހުރިހާ ބޭފުޅުން ވެސް ހުނަރުވެރިންގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށްވެސް ޝަރުމާ އެދިވަޑައިގެންނެވިއެވެ.
ޝަރުމާ ވިދާޅުވީ ދިވެހި ބަހުގައި ހުންނަ ބަސްތައް ދޭހަކުރަން އުނދަގޫ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަކީ ހަރުދަނާ ވާހަކަތަކެއް ނޫން ކަމަށާއި އަދި އެއީ ދައްކާ ބަހަނާތަކެއް ކަމަށެވެ.
ޝަރުމާ ވިދާޅުވީ، ދިވެހި ބަހުން ވަރަށް ރީތި ވާހަކަތައް ލިޔެފައި އެބަހުރި ކަމަށާއި އެފަދަ ފޮތްތައް ކިޔާލުމުން ދިވެހި ބަހަށް ޝައުގުވެރިވާނެ ކަމަށެވެ. އަދި ކިޔަވާކުދިންގެ ތެރެއިން ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތައް ކިޔާހިތް ނުވާ ދަރިވަރުންނަށް ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ވެސް ހުންނާނެ ކަމަށް ޝަރުމާ ވިދާޅުވިއެވެ.
އަސްކަނި ފޮތް މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ދިވެހި ބަހުގެ އެކަޑަމީގައެވެ.