އިބްރާހިމް ޒަކީ
ޓޫރިޒަމް ދާއިރާގައި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޗުއްޓީއާ ދިމާވާގޮތަށް ސްކޫލްތަކުގެ ޗުއްޓީ ހަމަޖައްސަން އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޒިރުވެވަޑައިގެން މެންބަރުންކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް އެޑިއުކޭޝަނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށާއި، އެ މިނިސްޓްރީން އެކަންތައް ކުރިއަށް ގެންދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެމަސައްކަތް ނިންމުމުން ސަރުކާރުގެ އެހެން މުއައްސަސާތަކާއެކު މަޝްވަރާއަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަޑަމިކް ކަލަންޑަރުގައި ސްކޫލް ޗުއްޓީތައް މިހާރު އޮންނަގޮތުން، ދަރީންނާއި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ނުލިބޭތާ ދިހަ ބާރަ އަހަރު ވެފައިވާ މުވައްޒަފުން ފަތުރުވެރިކަމުގެ ދާއިރާގައި މަސއްކަތް ކުރަމުންގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެހެން ދާއިރާތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ އިނާޔަތްތަކާއި ފުރުސަތުތައް ޓޫރިޒަމްދާއިރާގެ މުވައްޒިފުންނަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ.
އެގޮތުން ލޯން ސްކީމްތަކާއި ހައުސިން ސްކީމްތައް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުުންނަށް އަމާޒުކޮށް ގާނޫނުތަކުގައި ތަރުތީބު ކުރެއްވުމަށް މަޖިލިސް މެންބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.