ރައީސް ޔާމީން

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް މާދަމާ މަޖިލީހަށް ވައްދަން ކޯލިޝަން މެންބަރުން ގޮވާލައިފި

4

ރައީ ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ވައްދަން އިދިކޮޅޫ ކޯލިޝަނުގެ ބައެއް މެންބަރުން ގޮވާލައިފި އެވެ.

ކޯލިޝަންގެ މެންބަރުން މި ގޮތަށް ގޮވާލާފައި ވަނީ އިދިކޮޅު ކޯލިޝަން މެންބަރުންގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގަ އެވެ. އެ ގުރޫޕުގެ ލީކުވެފައިވާ ސްކްރީން ޝޮޓެެއް "ވަން އޮންލައިން" އަށް ވަނީ ލިބިފަ އެވެ.

ވަން އޮންލައިން އަށް ލިބިފައިވާ ސްކްރީން ޝޮޓުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ "ޔާމީން އަޒުލުކުރަން ހުށަހަޅަންވީ" ކަމަށް ވިދާޅުވެފަ އެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައި ވަނީ އެންމެ ދުވަހެއް އޮތަސް އެންމެ ރަނގަޅު ކަމަށާއި ޔާމީން އިމްޕީޗް ކުރަން ވައްދަންވީ ކަމަށެވެ. އެއީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޤަފޫރު މޫސާ ވިދާޅުވެފައި ވަނީ "މާދަމާ ވގު ޔާމީން އިމްޕީޗް ކުރަން ވައްދަންވީ" ކަމަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު މުހައްމަދު ލަތީފު ވެސް ވިދާޅުވެފައި ވަނީ "މާދަމާ ޔާމީން އިމްޕީޗް ކުރަން ވައްދަންވީ. މިހާރު..މިހާރު" ކަމަށެވެ.

މެންބަރު ސައުދު ހުސެއިން ފަހުން ވަނީ "ޔާމީން އިމްޕީޗް ކުރަން ތިޔަބޭފުުޅުން ތައްޔާރު؟" އައްސަވައި އިތުރު މެސެޖެއް ވެސް ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ ރޫހު އިދިކޮޅު ކޯލިޝަނުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ އިރު، ގޮނޑީގެ މައްސަލަަ ޖެހުމުގެ ސަބަބުން މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ގޮތެއް ނެތިފައި ތިބި ހުރިހާ މެންބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެންމެ ފަހު ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްވީ މިއަދު އެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅޭ ވާހަކަ އަކީ ސީރިއަސް ވާހަކައެއްތޯ އިދިކޮޅޫ އިއްތިހާދުގެ މަޖިލިސް މެންބަރަކަށް ސުވާލު ދެންނެވުމުން ވިދާޅުވީ އެއީ ހަމަ ވެދާނެ ކަމެއް ކަމަށާއި މި ވަގުތު އިތުރު ކޮމެންޓެއް ކުރެއްވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާން ބޭނުންވާ ސާފު މެޖޯރިޓީ އެބަ އޮތް ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވެއްދުމުގެ ވާހަކަތަކެއް ފެތުރޭ އިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އަދި އަންނަ މަހުގެ އަށް ވަނަ ދުވަހަށް ވަނީ އެމައްސަލަ އެޖެންޑާ ކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް ވަނީ ސޮއިކުރައްވައިފަ އެވެ. އޭގެ ފަހުން ޕީޕީއެމުން ބޭއްވި އެޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ އެންމެ 14 މެންބަރުުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟