ޚަބަރު

2018 ވަނަ އަހަރު އޭލެވެލްގައި ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 11 ދަރިވަރަކު ހިމެނިއްޖެ

މަރިޔަމް ޝަހުދާ

ނިމިދިޔަ 2018 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 11 ދަރިވަރަކު ހިމެނިއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމް ދިނުމުގެ ހަފްލާގައި ދުނިޔޭގެ ރޭންކިންގ އިން އެއްވަނައިގައި 11 ދަރިވަރަކު ހިމެނުނު އިރު ދެ ދަރިވަރަކު ވަނީ ދެ މާއްދާއަކުން ދުނިޔޭގެ އެއްވަނަ ހޯދާފައެވެ. ރާއްޖޭގެ އޭލެވެލް ނަތީޖާއިން ގަދަ ދިހައަކަށް މިރޭ އެވޯޑު ހަވާލުކުރެއްވި އިރު ރާއްޖޭގެ އެއްވަނަ ލިބިފައިވަނީ 4 ދަރިވަރަކަށެވެ.

މި ޖަލްސާގައި 195 ކުއްޖަކު ގަދަ ދިހައެއްގައި ހިމެނި އެކުދިންނާ އިނާމް ހަވާލުކޮށްފައިވެއެވެ. މި ކުދިންގެ ތެރެއިން ދުނިޔޭގެ އެއްވަނައިގައި ހިމެނިފައިވަނީ 34 ކުދިންނެވެ. ރާއްޖޭގެ އޭލެވެލް ނަތީޖާއިން ގަދަ ދިހައެއްގެ ދެވަނަ ހަތް ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ. އަދި ތިން ވަނަ ހާސިލްކޮށްފައިވަނީ 14 ދަރިވަރެކެވެ.