މަތީ ތައުލީމުގެ ހަގީގީ މަގްސަދަކީ އެމީހަކު އުނގެނޭ އިލްމެއްގެ ބޭނުން ހަޔާތުގެ އަމަލީ މައިދާނުގައި ހިފަން އެނގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިހާރުން ފެށިގެން ދަރިވަރުން ގަދައަޅާ މަސައްކަތް ކުރަންވީ ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން ފުއްދުންތެރި އާއީޖާދުތައް އުފެއްދުމަށް ކަމަށެވެ. އަދި މިއީ ގައުމުގެ ތަރައްގީއަށް އަދުގެ ޒުވަނުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމުގެ ނިޒާމްގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ މަތީ ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ނަސޭހަތްދެއްވީ ތައުލީމު އުނގެނުމަށް ކޮންމެ ގައުމަކަށް ދަތުރުކުރިކަމުގައި ވީނަމަވެސް ދަރިވަރުން އިސްލާމްދީނުގެ ސައްހަ އަގީދާމަތީ ސަބިތުވެ ތިބުމަށް ސަމާލުވުމަށެވެ. އަދި ސަރުކާރުން މަތީ ތައުލީމު ހާސިލް ކުރުމަށް ފަހިކުރައްވާފައިވާ ފުރުސަތުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ރައީސް ނަސޭހަތްތެރިވިއެވެ.
މިރޭގެ ޖަލްސާގައި 2018 ވަނަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 195 ކުއްޖަކު ވަނީ ގަދަ 10އެއްގައި ހިމެނިފައެވެ. މި ކުދިންގެ ތެރެއިން 34 ދަރިވަރަކީ ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ ކުދިންނެވެ.