ފުލެޓްތައް ދޫކުރުމުގެ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އަންގާފައިވަނިކޮށް، އެމްއެންޑީއެފުން ސިފައިންނަށް އަނެއްކާވެސް 33 ފުލެޓް ދިން ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ އެމްއެންޑީއެފުގެ އިސް ފަރާތްތަކުން 33 ފްލެޓް ބަހައިލި ކަމުގެ މައުލޫމާތު އިއްޔެ ލިބިވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ދައުލަތުގެ އެއްވެސް އިދާރާއަކުން މުވައްޒަފުން ވަކި ކުރުމާއި، ވަޒީފާ ނުދިނުމަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކާއި، ފްލެޓްތައް ދޫކުރުން ވެސް ކުރިއަށް ނުގެންދަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވަނިކޮށް، ފުލެޓް ދޫކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
''މިހާރު މިދަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް. އެމަރުހަލާގައި ސަރުކާރުން މަޝްރޫއުތައް ނުހިންގުމަށާއި، މީހުންނަށް ވަޒީފާ ނުދިނުމަށާއި، މީހުން ނުކެނޑުމަށް މިދަނީ އަންގަމުން. އަދި ފުލެޓް ދޫނުކުރަން އަންގާފައި ވަނީ. އިންތިޚާބީ ރައީސްގެ އޮފީހުން ވެސް އެދަނީ އެކަންކަން ނުކުރުމަށް ގޮވާލަމުން.'' މާރިޔާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން ސިފައިންނަށް 33 ފުލެޓް ދޫކުރިކަމަށް މާރިޔާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ''ވަން އޮންލައިން'' އިން ސުވާލު ކުރުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވަނީ ސިފައިންނަށް ފުލެޓް ދިންކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާފައެވެ.
ފްލެޓާއި ގޯތި ދޫކުރުމުގެ މައްސަލަ ހޫނުވެ، އޭސީސީން އެ މައްސަލަތައް ބަލަމުން ދަނިކޮށް ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ދީފި ކަމަށް ބުނާ ލިޔުންތަކެއް އިއްޔެ ވަނީ ލީކުވެފައެވެ.
ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ހައުސިން މިނިސްޓްރީ އަށް ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ދެއްވާފައި ވަނީ އެ މިނިސްޓްރީން އެކަމާ ގުޅިގެން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ފްލެޓް ދޫކުރާ ބައެއް ކެޓަގަރީތައް އުވާލައި ބައެއް ކަހަލަ ބަދަލުތައް ގެންނަން ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު މުއިއްޒަށް އެޑްރެސް ކުރައްވައި ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީން އެނގެ އެވެ.