ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ މާލެ ގެނެސް، ފުލުހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ ހަވާލުކޮށްފިއެވެ.
މިރޭގެ ވަގުތެއްގައި ފުލުހުން އޭނާ ރާއްޖެ ގެނެސް، ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިންގއަށެވެ.
ފުލުހުން ބުނީ މިރޭ 11:03 ހާއިރު އަބްދުﷲ ލުތުފީ ކަރެކްކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށާއި އޭނާއަކީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް 16 ޖެނުއަރީ 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އެނބުރި ނައިސް، ފިލާފައިވާ މީހެއް ކަމުން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީ މިރޭ އެ ސާވިސްއާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށާއި މިރެއިން ފެށިގެން އޭނާގެ ހުކުމުގެ މުއްދަތު ގުނަމުންދާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން 26 މާޗް 2012 ގައި އޭނާ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް އެ ޑިޕާޓްމަންޓާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށެހެޅިއެވެ. ލުތުފީ ރާއްޖެ އައިސްފައި މިވަނީ ނުވަ އަހަރަށްފަހުއެވެ.
އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ އަމާން ދިނުމަށް އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ލުތުފީ އަނބުރާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާގެ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ލިބުން ލަސްވުމުންނެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ ފުލުހުން އަންނަނީ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.