އަތޮޅުތެރޭ ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގދ.ތިނަދޫއަށް ވަޑައިގަންނަވައިފި އެވެ.
މިއަދު ހަވީރު ރައީސް ތިނަދުއަށް ވަޑައިގެންނެވީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. މިއީ ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ތިންވަނަ ބައްދަލުވުމެވެ.
ރައީސް ސޯލިހުގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތިނަދުއަށް ކުރައްވާ މި ދަތުރުފުޅުގައި ތިނަދޫގެ ކައުންސިލާ ރައީސް ސޯލިހު ބައްދަލުކުރައްވާ މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދުއަށް މިކުރެއްވި ދަތުރުފުޅާއި ގުޅިގެން ޓުވީޓެއް ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގެންނެވުމަށް ތިނަދުއަށް ޒިޔާރަތް ކުރެއްވުންކަމީ އެމަނިކުފާނަށް ލިބުނު އުފަލެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކަނޑުތަކުގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.