ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ހުޅުވާލެވިފައިވާ ތަހުގީގު އަޑުއެހުން މިމަހު 14 ވަނަ ދުވަހު ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ ދެ މައްސަލައެއްގެ ހުޅުވާލެވިފައިވާ ތަހުގީގު އަޑުއެހުން މިމަހު 14 ވަނަ ދުވަހުގެ މެންދުރު 1:45ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ހުޅުވާލާފައިވާ ތަހުގީގު އަޑުއެހުން ދަރުބާރުގޭގައި ބޭއްވި ނަމަވެސް، ހަސަން ސައީދުގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ ޕޯސްޓް ބިލްޑިންގ ހަ ވަނަ ފަންގިފިލާގައި ހުންނަ ޖޭއެސްސީގައެވެ.
ގާޒީ ހަސަން ސައީދުގެ ތަހުގީގު އަޑުއެހުން ހުޅުވާލައިގެން ބޭއްވުމަށް ޖޭއެސްސީން ނިންމާފައިވަނީ ހަސަން ސައީދު އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ކޮމިޝަނަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.