ހާޖަރާގޭ އަބްދުﷲ ލުތުފީ

ލުތުފީ މާލެ ގެނެސް، ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު މިރޭ ކަރެކްޝަންސްއާ ހަވާލުކުރާނަން: ފުލުހުން

‎ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނެސް، ލިޔެކުޔުންތައް ފުރިހަމަކުރުމަށްފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާ ހަވާލުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

‎ފުލުހުން ބުނީ މިރޭ ލުތުފީ މާލެ ގެނެސް، ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް

‎ފުރިހަމަކުރުމަށްފަހު މިރޭ ކަރެކްޝަންސްއާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

‎25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ މިރޭ 9:30 އެމިރޭޓްސް ފްލައިޓް އީކޭ653 އިން ރާއްޖެ ގެންނާނެ ކަމަށާއި އަބްދުﷲ ލުތުފީ އަނބުރާ މިރޭ ރާއްޖެ ގެންނާނީ ފުލުހުންގެ ޓީމުގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

‎އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ އަމާން ދިނުމަށް އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

‎ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ލުތުފީ އަނބުރާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާގެ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ލިބުން ލަސްވުމުންނެވެ.

‎ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ ފުލުހުން އަންނަނީ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.