ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ރާއްޖެ ވަޑައިގަތުމަށް، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އެކަން ބަޔާންކުރައްވައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިބޫ މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ އެކެއް ނޮވެންބަރުގައި ރައީސް ނަޝީދުއާ އެކު މާލެ ވަޑައިގަތުމަށް ކަމަށެވެ. އިބޫގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެކެއް ނޮވެންބަރުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު، މިއަދު ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އަދި ނަޝީދު މާލެވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.