ޝަހީދާ އަބްދުﷲ ސައީދު
ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމެޓީއަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވައިލައިފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކޮމިޝަނުގެ ތަހުގީގު ޓީމުތަކަށް ކޮމެޓީއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކުރިން ފަނޑިޔާރުކަން ކުރެއްވި ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި ތަހުގީގީ އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ގާނޫނީ ވަކީލެއް ނަމަ، ކޮމެޓީގައި މަސައްކަތްކުރާ މުއްދަތުގައި އެމައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މެންބަރު ކަމަށް ކުރިމަތިލާ ފަރަތްތަކަށް އެލަވަންސްގެ ގޮތުގައި ސިޓިންއެއްގައި ދޮޅުގަޑިއިރު ހަމަވަންދެން 500 ރުފިޔާ ދެވޭނެ ކަމަށާއި ސިޓިން އަކަށް ގިނަވަގެން ދެވޭނީ 1000 ރުފިޔާ ކަމަށް ބުނެފައިވެއެވެ.
ކޮމިޓީއަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަުގެ ތެރޭގައި، މުސްލިމަކު ކަމުގައި ވުމާއި ދިވެހި ރައްޔިތަކު ކަމުގައި ވުމާއި އުމުރުން 35 އަހަރު ފުރިފައި ވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކަށް ވުމާއި ސިޔާސީ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި އަދި ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
މީގެއިތުރުން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީއާއި ޕާސްޕޯޓް ސައިޒުގެ އެއް ފޮޓޯއާއި ކުށުގެ ރެކޯޑް ނެތްކަމުގެ ލިޔުމާއި ފަނޑިޔާރުކަން ކުރި ފަރާތެއް ނަމަ ފަނޑިޔާރުކަން ކުރި މުއްދަތު އެނގޭނެ ލިޔުމާއި ގާނޫނީ ވަކީލެއްނަމަ ކޯޓުތަކުގައި ވަކާލާތު ކުރާކަން އަންގައިދޭ ކޯޓުގެ ރަސްމީ ލިޔުމަކާއި ތަހުގީގީ އިދާރާއެއްގައި މަސައްކަތްކުރިނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަންގައިދޭ، އެ އިދާރާއެއްގެ ލިޔުމަކާއި ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމާއި އަދި ސިޔާސީ ޕާޓީއެއްގެ މީހެއް ނޫންކަން އަންގައިދޭ އިލެކްޝަންސް ކޮމިޝަނުގެ ލިޔުމެއް ހިމެނެއެވެ.
ކޮމެޓީއަށް ވަނުމަށް އެދޭ މީހާ މިމަހުގެ 18 ވަނަ ދުވަހު 12:30 ގެ ކުރިން ޖޭއެސްސީއަށް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.