އެމްޓީސީސީ

ހިއްސާދާރުންނަށް ފައިދާ ނުބަހަން އެމްޓީސީސީން ނިންމައިފި

ނިމިގެން ދިޔަ 2018 ވަނަ އަހަރުގެ ފައިދާ ވަރަށް ބޮޑަށް ދަށްވެފައި ވާތީ، ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އިން ނިންމައިފި އެވެ.

އެމްޓީސީސީން އެ ގޮތަށް ނިންމީ، ރޭ ބޭއްވި އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް، ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ހުށަހެޅުމާ ގުޅިގެން ހިއްސާދާރުން ވޯޓުދީ ފާސްކޮށްގެންނެވެ. ހޮޓެލް ޖެން ގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 ޕަސެންޓު ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެ އަދަދާ އަޅައި ބަލާ އިރު، މިދިޔަ އަހަރު ލިބުނު ފައިދާ އަކީ 111 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެމްޓީސީސީގެ ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު އެހާ ބޮޑުތަން ދަށްވެފައި ވަނީ، ދަތުރުފަތުރާއި ކުންފުނީން ބިން ހިއްކުމަށް ބޮޑު އިންވެސްޓެއް ކޮށްގެން ގެނެސްފައިވާ މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނުގެ ހަރަދުތައް ބޮޑުވުމާ އެކު އެ ހަރަދުތަކާ އެކަށީގެން ނުވާވަރުގެ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ކުރީގެ ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވުމާ އެކު އެގޮތަށް އެކަން ކުރާން ޖެހުމުންނެވެ. މީގެ އިތުރުން ކުންފުނީގެ ދަތުރުފަތުރުގެ ޚިދުމަތުން ލިބޭ ގެއްލުން ވެސް މިދިޔަ އަހަރު ވަނީ 81 މިލިއަނަށް އަރައިފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިދިޔަ އަހަރު ކުންފުންޏަށް އެ ހާލަތު ކުރިމަތިވި ނަމަވެސް ކުރިޔަށް އޮތް ތަނަށް ބަލާ އިރު ކުންފުނީގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށެވެ. އެ ގޮތުން މިހާތަނަށް އައި އިރު މި ސަރުކާރުން 800 މިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ވެސް ކުރިޔަށް އޮތް ތަނުގައި ފެށިގެންދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީގެ އެކްސްޓާނަލް އޮޑިޓަރު ވެސް ރޭގެ ޖަލްސާގައި ވަނީ ބަދަލުކޮށްފަ އެވެ. އެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ކުރިއަށް އޮތް އަހަރު ކުންފުނި އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސް ކޫޕާސް ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.