ނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރީންގެ ރެކޯޑް ބެލެހެއްޓިފައެއް ނެތް، ޖެންޑާ މިނިސްޓްރީގައި 15360، އެންސްޕާގައި 8113

އިބްރާހިމް ޒަކީ

1

ރާއްޖޭގައި ނުކުޅެދުންތެރިން ތިބި ރެކޯޑް އެއްވެސް މުއައްސަސާއަކަށް ބެލެހެއްޓިފައިނުވާ ކަމަށާއި، ޖެންޑާ މިނިސްޓްރީގެ ރެކޯޑްތަކުުން ދައްކާ ގޮތުގައި، 15360 ނުކުޅެދުންތެރިން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އެންސްޕާގެ ރެކޯޑްތަކުން ދައްކާ ގޮތުން އެ ތަނުގައި 8113 ނުކުޅެދުންތެރިން ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކޮށް، ނުކުޅެދުން ތެރިންގެ ދަފްތަރެއް އެކުލަވާލުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ނާޒިމު ވިދާޅުވީ، ރެކޯޑްތަކުން ދައްކާ ގޮތުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 750 ފަރާތެއް، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަންހުރި 1278 އަދި ޖިސްމާނީ ނުކުޅެދުންތެރިންގެ ގޮތުގައި 2476 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވިސްނުމާއި ސިކުނޑީގެ ނުކުޅެދުންތެރިކަންހުންނަ 1949 އަދި އޯޓިޒަމްގެ ނުކުޅެދުންތެރިކަން ހުންނަ 580 ފަރާތަކާއި، އުނގެނުމުގެ ނުކުޅެދުންތެެރިކަން ހުންނަ 66 ފަރާތަކާއި މަލްޓިޕަލް ޑިސެބިލިޓީގެ ނުކުޅެދުންތެރިކަން ހުންނަ 1007 ފަރާތެއް ރެޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތިކޮށް، އެފަދަ ފަރާތްތަކާބެހޭ ދަފުތަރެއް ނެތުމުގެ ސަބަބުން، އެފަދަ ފަރާތްތަކަށް ހިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަށް ނުކުޅެދުންތެރިން ގިންތިކޮށް، އެފަދަ ދަފުތަރެއް ބެލެހެއްޓުން ގާނޫނުން ލާޒިމް ކުރުން މުހިއްމު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އުފަންވާ ކޮންމެ 50 ކުއްޖެއްގެ ތެރެއިން އެއްކުއްޖަކީ ނުކުޅެދުންތެރިއެއް ކަމަށާއި އެކަމާމެދުވެސް ވިސްނަންޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟