އެމްޓީސީސީން ރައްޔިތުންނަށް ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓުން ކުންފުންޏަށް އެތައް މިލިއަން ރުފިޔާއަކުން ގެއްލުން ވަމުން އަންނަ މައްސަލައިގައި، ހައްލެއް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް އެ ކުންފުނީން ބުނެފި އެވެ.
ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ދެމުން އަންނަ ލިސްޓެޑް ކުންފުނި، އެމްޓީސީސީން ރޭ ބޭއްވި އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އާންމު ޖަލްސާގައި ކުންފުނީގެ ސީއީއޯ، ހަސަން ޝާހު ވަނީ އެ ކުންފުންޏަށް ދަތުރުފަތުރުގެ ވިޔަފާރީން ލިބެމުންދާ ގެއްލުމާއި ގުޅޭ ގޮތުން ޚާއްސަ ޕްރެސެންޓޭޝަނެއް ދެއްވައިފަ އެވެ.
ޝާހު ވިދާޅުވީ، ނިމިގެން ދިޔަ ސަރުކާރުގެ ކުރީކޮޅު ދަތުރުފަތުރުގެ ހިދުމަތުން ވަމުން ދިޔަ ގެއްލުމަށް ސަރުކާރުން ސަބްސިޑީ ދެއްވި ކަމަށާއި އެހެން ނަމަވެސް އެ ސަބްސިޑިީ ދެއްވީ ދެ އަހަރަކު ކަމަށެވެ. އޭރު ސަބްސިޑީގެ ގޮތުގައި ދެއްވީ ވަމުން ދިޔަ ގެއްލުމުގެ ބައި ކަމަށާއި އެހެން ކަމުން 2014 އަދި 2015 ވަނަ އަހަރު އެ ހިދުމަތުން ކުންފުންޏަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ ފަހުން އެއްވެސް ވަރަކަށް ސަބްސިޑީ ނުދެއްވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުންޏަށް ކޮންމެ އަހަރަކު އެތައް މިލިއަނެއްގެ ގެއްލުން ވަމުންދާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ފާއިތުވި އަހަރު އެކަނި ވެސް ދަތުރުފަތުރުގެ ޚިދުމަތުން 82 މިލިއަން ރުފިޔާ ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ޝާހު ފާހަގަކުރެއްވި އެވެ.
ޝާހު ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތުން ވާ ގެއްލުމަށް ސަބްސިޑީ ހޯދުމަށް ސަރުކާރާ އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަޝްވަރާތަކުގެ ނަތީޖާ ފެންނަނީ އުއްމީދީކޮށް ކަމަށެވެ. އެ ގޮތުން ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ކުރިޔަށް ގެންދަވާ މަޝްވަރާތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ޚިދުމަތުން ކުންފުންޏަށް އެތައް މިލިއަނެއްގެ ގެއްލުން ވާތީ، ރޭގެ ޖަލްސާގައި ހިއްސާދާރުން ވަނީ ވަރަށް ބޮޑަށް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދަތުރުފަތުރުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެމްޓީސީސީއަށް ދީފައި އޮތް ރަށް، ވ. ފޮއްތެޔޮމުލި، ރައީސް ޔާމީންގެ ސަރުކާރުން އަތުލާފައި ވާތީ، އެކަމާ މެދު ވެސް އަދުލުވެރި ބަދަލެއް ނުވަތަ އެފަދަ އެހެން ހައްލެއް ހޯދުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޝާހު ވިދާޅުވި އެވެ.
ހިއްސާދާރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، ރޭގެ ޖަލްސާގެ ރިޔާސަތު ވަގުތީ ގޮތުން ބެލެހެއްޓެވި، ކުންފުނީގެ ޑައިރެކްޓަރު ސިނާން އަލީ ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތުން ލިބެމުން އަންނަ ގެއްލުން ފޫބެއްދުމަށް ސަބްސިޑީ ދެއްވާނެ ކަމުގެ ފެހި ސިގްނަލް މިހާރުގެ ސަރުކާރުން ދެއްވާފައިވާ ކަމަށާއި އޭގެ ބޭރުން ވެސް އެ ޚިދުމަތުގެ ޚަރަދުތައް ކުޑަކޮށް ގެއްލުން ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ކުރާނެ ކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ދެއްވާ ކަމަށެވެ.
ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތަކީ، ސަރުކާރުގެ އެދުމުގެ މަތީން، ވަރަށް ކުޑަކުޑަ އަގެއް ނަގައިގެން އެމްޓީސީސީން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތެކެވެ.