ރާއްޖޭގެ ރަށަކުން ތުއްތު ކުއްޖަކު ވިއްކާލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ކުޑަކުއްޖެއް ވިއްކާލި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށާއި މިވަގުތު އަދި އެކަމުގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ރާއްޖޭގެ ރަށަކުން 30،000 ރުފިޔާއަށް ވިއްކާލި ތުއްތު ކުއްޖަކު މިއަދު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. "ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި އުމުރުން އެއް އަހަރުގެ އެކުއްޖާ ވިއްކާލާފައިވަނީ ދެކުނުގެ ރަށަކުން މެދުރާއްޖެތެރޭގެ ރަށެއްގެ ދެމަފިރިއަކަށް 30،000 ރުފިޔާއަށެވެ.
އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.
އިތުބާރު ހުރި ފަރާތަކުން ވަން އޮންލައިނަށް މައުލޫމާތުދިން ގޮތުގައި އެކުއްޖާ ގަނެފައިވަނީ ދަރިން ނުލިބޭ ދެމަފިރިންނެވެ. އަދި މިހާރު އެކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އެކުއްޖާ އިއްޔެ އެ ދަމަފިރިންނަށް ވިއްކާލީ އެކުއްޖާގެ މަންމައެވެ.