ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަލިފުއްޓަށް ސީއެމްބިއުލަންސްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރ. އަލިފުއްޓަށް ދިމާވެފައިވާ ސީއެމްބިއުލަންސްގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިާޅުވީ އަލިފުށީ ކައުންސިލު މެންބަރުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އަލިފުށީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށާއި އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ބައެއް ޕްރޮޖެކްޓްތަކާއި ސީއެމްބިއުލަންސް ފަދަ ޚިދުމަތްތައް އަލުން ފެށުމާއި ރަށުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަލިފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ސީއެމްބިއުލަންސްގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އަދި، މިހާރު ކުރިއަށްދާ ގައުމީ މާސްޓަރ ޕްލޭންގެ މަސައްކަތް ނިމޭމިއިރު ބޮޑެތި މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.