ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ތަންތަނުގެ އިސްވެރިންނާ، ސޯޝަލް ކައުންސިލުން މިއަދު ބައްދަލުކުރައްވައި މަޝްވަރާކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސޯޝަލް ކައުންސިލުގެ މެންބަރުން ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަންތަނުގެ ހާލަތު އޮޅުންފިލުއްވައިފައެވެ.
މި ބައްދަލުވުމުގައި މި 3 މަރުކަޒުގެ ވެރިންވަނީ އެތަންތަނުގެ މިހާރުގެ ހާލަތާއި ވަސީލަތުގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ދަތިތައް ސޯޝަލް ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.