ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން މީހަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލައި، އެ މަސައްކަތް ހަވާލުކޮށްފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮޕަރޭޝަންގައި ތުހުމަތުކުރެވޭ ބަންގުލަދޭޝް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައިވާތީ، އެފަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ “ކޯޑް އޮފް އެތިކްސް” އަދި “ކޯޑް އޮފް ކޮންޑަކްޓް”އާ ހިލާފު އަމަލުތަކެއްކަމުން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން ހަތް މުވައްޒަފަކު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ހާއްސަ ޓީމެއް އެކުލަވާލައި، އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން މ. އުޖާލާގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެގައަށް އައި 36 އަހަރުގެ ބަންގުލަދޭޝް ފިރިހެން މީހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށާއި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ކުޑަދޮރުން ބޭރަށް ފުންމާލައިގެން ފިލަން އުޅެނިކޮށް، މަގުމަތިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގެއިން ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯ ޖަހައި، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު އެފަދަ ގޮތްގޮތަށް ދައުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި، އެމީހުންނަށް ފަރުވާފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އެ ހާދިސާއާ ގުޅުންހުރި ފޮޓޯތަކެއް ނޫން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ފަރާތުން ފުލުހުންގެ "ކޯޑް އޮފް އެތިކްސް" އާއި "ކޯޑް އޮފް ކޮންޑަކްޓް" އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އެ ސާވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެގޮތުން ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި އެ ސާވިސްގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް ރާވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ބުނެއެވެ.