މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ތިން އަތޮޅެއްގެ ބައެއް ރަށްރަށް ކޯޒުވޭއަކުން ގުޅައިލަނީ

ލ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ބައެއް ރަށްތައް ކޯޒުވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މި ތިން އަތޮޅުގެ ބައެއް ރަށްރަށް ކޯޒުވޭއަކުން ގުޅައިލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ބީލަށް ހުޅުވައިލާފައެވެ.

އިއުލާނުގައިވާ ގޮތުން ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ، ތިން އަތޮޅުގެ ބައެއް ރަށްރަށް ކޯޒްވޭއަކުން ގުޅާލުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށް ބުނެފައެވެ.

ބީލަމުގައިވާ ގޮތުން، ލ. އަތޮޅުން ގުޅުވާލަނީ އެ އަތޮޅު ކުނަހަންދޫ، ކަލައިދޫ، ދަނބިދޫ، ހިތަދޫ، އަދި މެންދޫއެވެ. މި ރަށްތަކުގެ ތެރެއިން، ކުނަހަންދޫއާއި މެންދޫ ކޯޒްވޭއަށް 2.3 މިލިއަން ރުފިޔާވަނީ ބަޖެޓްގައި ހިމަނާފައެވެ.

އަދި ހިތަދޫއާއި މެންދޫ ކޯޒްވޭއަށް 2.75 މިލިއަން ރުފިޔާ، ކަލައިދޫއާއި ދަނބިދޫ ކޯޒްވޭ އަށް 2.6 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ތ. ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އާއި މ. މުލި އަދި ނާލާފުށި ކޯޒްވޭ ވެސް ބީލަމުގައި ހިމަނާފައިވެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އަށް 2.6 މިލިއަން ރުފިޔާ، ބަޖެޓްކޮށްފައިވާއިރު، މުއްޔާއި ނާލާފުށި ކޯޒްވޭ އަށް 2.675 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.