ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީފުޅެއް ސީޝެލްސްގެ ރައީސްއަށް އަރުވައިފިއެވެ.
މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސީޝެލްސްގެ ރައީސް ޑެނީ ފޯރ ގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސިޓީފުޅު، ސީޝެލްސްގެ ރައީސަށް އަރުވައިފައިވަނީ، މިއަދު ހެނދުނު ސީޝެލްގެ ރައީސްގެ ރަސްމީ އޮފީހުގައި އޮތް ބައްދަލުކޮށްލެއްވުމުގައެވެ.
ރައީސް އޮފީހުން ބުނީ، މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މިނިސްޓަރު ޝާހިދުގެ އަރިހުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ.
ޝާހިދު، ޝީސެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.