ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމައިފިއެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައި، މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ވަނީ ހުށަހަޅައިފައެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ޖޭއެސްސީން ތަހުގީގުރަކުމުންދިޔަ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ތަހުގީގުކުރި ކޮމިޓީގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު ކޮމިޝަނުން ބަލައިގަތުމަށް ވަނީ ނިންމައިފައެވެ.
އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް މާދަމާ އިން ފެށިގެން ފަނޑިޔާރު އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ވަނީ ދީފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ޖަވާބުދާރީވުމަށް އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތު ދިނުމަށްފަހުއެވެ.