ޚަބަރު

ސީލައިފް މައްސަލައާގުޅިގެން ބަދަލު ހޯދުމަށް 203 މީހެއްގެ 24 މިލިޔަންގެ މައްސަލަ ކޯޓުގައި އެބަހިނގާ

އިބްރާހިމް ޒަކީ

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީން، ސީ ލައިފާ ހަވާލުކުރި ޕްރޮޖެކްޓުން ފްލެޓް ވިއްކުމަށް ނެގި އެޑްވާންސް ފައިސާ ހޯދުމަށް 203 މީހެއްގެ 24 މިލިޔަން ރުފިޔާގެ މައްސަލަ ކޯޓުގައި ހިނގަމުންދާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ، 203 މީހެއްގެ ކޯޓް ކޭސް ހިނގަމުން ދާއިރު އެ މައްސަލައާގުޅޭ އިތުރު 53 މީހުން އެބަތިބި ކަމަށެވެ.

ސުހެއިލް ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ މީހުންނަށް ވީހާވެސް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް އެޗްޑީސީންނާއި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކާ އެޗްޑީސީން ބައްދަލު ކުރަމުންދާ ކަމަށްވެސް ސުހެއިލް ވިދާާޅުވިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީން، ސީ ލައިފާ ހަވާލުކުރުމުން އެ ޕްރޮޖެކްޓްގެ ފުލެޓްތަކަށް، ޑައުންޓް ޕޭމަންޓް ނެގުމަށްފަހު، ފްލެޓް އަޅައިނުދިން މައްސަަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭތީ އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ބަނީ ނެރެފައެވެ.

އަދިއޭނާ ހޯދުމަށް ތިން ގައުމެއްގައި ޕޯސްޓަރު ވެސް ވަނީ ހަރުކުރަން ފަށައިފައެވެ.

އޭނާ ހޯދުމަށް ޕޯސްޓަރު ހަރުކުރަންފަށާފައި ވަނީ ސްރީލަންކާ، އިންޑިއާ އަދި އޮސްޓްރޭލިއާގައެވެ.