ހުޅުމާލޭ ބޮޑުމަގު (ލިންކްރޯޑް)ގެ އަރިމަތިން އޮންނަ ހުސްތަނުގައި ހަދާ ވޯޓާ ތީމް ޕާކު ހަދަން ހަވާލުކުރި އިރު އެ ސައިޓްގައި ހުރި ވެލި ފުނި ނެގުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް، އެކުންފުނިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، އެއީ ބަލަން ޖެހޭ މައްސަަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އެމަސައްކަތް ހަވާލު ކުރީ، ސޭލްސްމަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ކަމަށާއި، އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 13 މިލިޔަން ރުފިޔާއަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިމުނުއިރު 19 މިލިއަން ހަރަދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހާބޮޑުއަގައެއްގައި އެޗްޑީސީގެ ވެހިކަލްތައް ބޭނުންކޮށްގެން އެ މަސައްކަތް ކޮށްފައިވާއިރު، އެ މަސައްްކަތް އެ ފަރާތާ ހަވާލު ކޮށްފައި ވަނީވެސް އެއަށްވުރެ ކުޑަ އަގެއް، ވެމްކޯ އިން ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ކެމްޕެއިންއަށް އެޗްޑީސީގެ ފައިސާ ބޭނުންކޮށްފައިވާކަން ފާހަގަކޮށް އާތިފް ވިދާޅުވީ، އެކަންތައްތައް ރަނގަޅަސް ސާފުވާނީ، އިންޓާނަލް އޮޑިޓް ނިމުމުން ކަމަށެވެ.