ޚަބަރު

ޕީއެސްއެމްގެ ކުރީގެ ޑީއެމްޑީ ޝާޔަން އޭސީސީއަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދެފި

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގި ކަމަށް ތުހުމަތުކުރާ ހިޔާނާތުގެ ތަހުގީގުގައި ސުވާލު ކުރަން އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމަށް ކޯޓު އަމުރަކަށް އެދިއްޖެއެވެ.

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދަނީ، އެކުންފުނީގެ މިހާރުގެ މެނޭޖް މަންޓުން މައްސަަލަ ހުށަހަޅައިގެންނެވެ.

ޕީއެސްއެިމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލު ތަކުގެ ތެރެއިން، މޯލްޑިވިއަން އައިޑަލްއާ ގުޅޭ ކަންކަމުގައިވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އޭރު އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި އެއްބޭފުޅަކީވެސް ޝާޔަން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީއަށް މައުލޫމާތު ދެމުން، އޭސީސީން ބުނެފައިވަނީ، ޕީއެސްއެމާ ގުޅޭ ހިޔާނާތުގެ ތަހުގީގަށް ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެމްބަރަކު ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.