ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕެއިން ނިންމާލަމުން އިބޫ އުންމީދުތަކެއް ގެނުވައިފި!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕެއިންގެ އެންމެފަހު ޖަލްސާއެއްގެ ގޮތުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އުންމީދީ ވާހަކަތަކެއް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު، ތަފާތު ކޮންސެޕްޓެއްގެ ޖަލްސާއެއްގެ ގޮތުގައި ފެނިގެންދިޔަ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ އޭނާގެ ރިޔާސީ ވައުދުތައް ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

"އަޅުގަނޑުމެން ޔަގީންކަން މިއަދު ވަނީ ކޯލިޝަންގެ ސަރުކާރެއްގައި ބޮޑެތި ބަލިތަކަށް ފަންޑު ފޮށި ހިފައިގެން ސަލާން ޖަހަން ނުޖެހޭނެ ކަން. ދަރިފުޅުގެ ޒުވާން އުމުރު ޖަލުގައި ހޭދަކުރަން ނުޖެހޭނެ. އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ ފަހުރުވެރި އާއިލާއެއް ބިނާކުރާނެ ރައްޔިތުންތަކެއް ބިނާކުރުމަށް. ޕާޓީއަށް ސޮއި ނުކުރިޔަސް ވަޒީފާ ވެސް، ކޮންޓްރެކްޓް ވެސް، ލޯނު ވެސް ލިބިގެންދާނެ. އެއްވެސް ފަރާތެއް ނުހައްގުން ޖަލަށް ނުލެވޭނެ. ވަކި ކުލައެއް ރީތިވެގެން މީހުންގެ ހައްގުތައް ނުހިފެހެއްޓޭނެ،" އިބޫ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްވެސް ބަވެރިވެވަޑައިގެންފައިވާ އިރު، އިބޫ ވިދާޅުވީ ޖަލަށް ލެވިފައިފާ އެއްވެސް ސިޔާސީ ލީޑަރެއް ޖަލަށް ލެވިފައި ހުރީ ކުށެއް ކޮށްގެން ނޫން ކަމަށެވެ.

"ރައީސް މައުމޫން ޖަލަށް ލެވުނީ ކުށެއް ކޮށްގެނެއް ނޫން. ހަމައެފަދައިން ރައީސް ނަޝީދަށްވެސް ރާއްޖެ ނާދެވި ޖަލަށް ދާން ޖެހުނީ ކުށެއް ކޮށްގެނެއް ނޫން. އަދި އޮނަރަބަލް ގާސިމް އިބްރާހިމްވެސް ޖަލަށް ލެވުނީ ކުށެއް ކޮށްގެނެއް ނޫން. ޝައިހް އިމްރާންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކުރެވުނީވެސް ކުށެއް ކޮށްގެނެއް ނޫން. އަޅުގަނޑު ޔަގީންކަން އަރުވަން ކޯލިޝަންގެ ވެރިކަމުގައި ނުހައްޤުން އަނިޔާ ލިބެމުންދާ ފަރާތްތަށް މިނިވަންކޮށް އެފަރާތްތަކުގެ އާއިލާއާއިއެކު ހިތްހަމަ ޖެހިގެން އުޅެވޭނެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށް،" ފޯރީގައި ވާހަކަ ދައްކަވަމުންދިޔަ އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކައިގައި އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބަކުން ކޯލިޝަނަށް ނޫނެކޭ ނުބުނާނެ ކަމަށާއި، މިހާރުވެސް 1،70،000 ވޯޓު ޔަގީންވެފައިވާ ކަމަށެވެ.

"ކުރިއަށް މިއޮތީ އެއްބައިވަންތަ ކަމުގެ ދުވަސްކޮޅެއް. އިންތިހާބު އަޅުގަނޑުމެންނަށް މިހާރުވެސް އޮތީ ކާމިޔާބުވެފައި. މިހާތަނަށް 1،70،000 މީހުން ވަނީ އަޅުގަނޑުމެންނަށް ވޯޓުދޭނެ ކަމުގެ ޔަގީންކަން ދީފައި. ރައްޔިތުން އެންމެން ބޭނުން ވަނީ ބަދަލަކަށް. ހުރިހާ ރައްޔިތުންވެސް އުންމީދު ކުރަނީ އެ ބަދަލަށް،" ހިމަފޮދު ވާރޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އިބޫއާއި އޭނާގެ އިންތިހާބީ ބައިވެރިޔާ މުހައްމަދު ފައިސަލް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދަތުރުކޮށްފައިވާ އިރު، އިބޫ ވިދާޅުވީ މުޅި ރާއްޖޭގެ ރައްޔިތުންވެސް ބޭނުންވާ ގޮތް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ކެމްޕޭން ފެށުމަށާއި، ނިންމުމަށް އައްޑޫ ސިޓީ ވެގެންދިޔައީ އިއްތިފާގަކުން ނޫން ކަމަށާއި، އައްޑުއަކީ އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ އުންމީދުތަކަށް ބުރަ މަސައްތަކެއް ކޮށްދެއްވާ އަތޮޅެއް ގޮތުގައި އިބޫ ފާހަގަކުރެއްވިއެވެ.

އެންމެފަހު ބަހެއްގެ ގޮތުން އިބޫ ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއީދުކުރާ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަށް މުޅި އާއިލާއާއެކު ގޮސް ވޯޓުލުމަށެވެ. ގުޅިފައިވާ އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގެ ކޮންސެޕްޓަކީ އެ ކޯލިޝަންގެ "ޖަޒީރާ ރާއްޖެ" ކޮންސެޕްޓަށް ވަރަށް ތަފާތުކޮށް ފަރުމާކޮށްފައިވާ ޖަލްސާއެކެވެ. ޕޯޑިއަމްއަކަށް ހަދާފައިވަނީ ބަނދަރުގައި އަޅާފައިވާ ދޯންޏެއްގެ ދިރުނބާކޮޅެވެ.