އިބްރާހިމް ޒަކީ
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދުމާބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސް ވުމުގައި އިންޑިއާއާއެކު ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި އެއްބަސް ވުމަށް ރުހުންދިނުމަށް، މަޖިލީހުން މިއަދު ފާސްކުރީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި، އެއްބަސްވުން ގައުމީ ސަލާމަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުން ފާސް ކޮށްގެންނެވެ.
މި އެއްބަސް ވުމުގައި ސަރުކާރުން ސޮއިކުރަން ތާއީދުކޮށް ރިޕޯޓް ފާސްކުރަން، ޖަލްސާގައި ތިއްބެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މިއެއްބަސް ވުމުގައި ސޮއިކުރުން މުހިއްމުކަން ފާހަގަކޮށް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވާފައިވާއިރު، އިދިކޮޅު މެންބަރުންނާއި، ސަރުކާރު ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްޔާހިމް ވަނީ މި އެއްބަސްވުމަށް ދެކޮޅު ހައްދަވައިފައެވެ.
މި އެއްބަސްވުމަށް ދެކޮޅު ހައްދަވައި، ގާސިމް ވިދާޅުވީ މިއީ ރާޖެއިން ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއްނޫން ކަމަށެވެ.
މި މިމައްސަލައަށް ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، އިންޑިއާއާއެކު ސޮއި ކުރުމަށް ނިންމާފައިވާ އެގްރިމެންޓްގެ ސަބަބުން ފޮރިން އިންވެސްޓަރުންގެ ވިޔަފާރިތަކުގެ ސިއްރު މައުލޫމަތު ހާމަ ކުރެވޭ ކަމަށެވެ.
އަދި އެކަމަކީ ރާއްޖޭގެ އިގްތިސާދަށް އަސަރުކޮށް، ފޮރިން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.