އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯޓުތަކުުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
ގާނޫނުއަސާސީ އިސްލާހުކޮށް، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށީރު، އަމަލު ކުރަމުންދިޔަ ގާނޫނުގައިވާގޮތުން، އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވީވެސް ހަތް ފަނޑިޔާރުންނެވެ.
ނަމަވެސް 2014 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ގާނޫނަށް ގެނައި އިސްލާހަކާއެކު ސުޕްރީމް ކޯޓުގެ ތިއްބެވި ހަތް ފަނޑީޔާރުންގެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑީޔާރުންގެ ބެންޗް ފަސް ފަނޑިޔާރަށް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރިއެވެ. އޭގެ ފަހުނުް ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
މި އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރަނީ އުމުރު ދުވަހަށް، (އުމުރުން70 އަހަރަށް) ކަމަށް ގާނޫނުއަސާސީަގއި ބުނެފައިވާއިރު، އޭރުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުން ބޭރުކުރީ އެ ބޭފުޅުންނަށް ދިފާއުގައި ވާހަކަފުޅެއް ދެއްކޭނެ ފުރުސަތުވެސް ދެއްވުމެއް ނެތިކަމަށެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުުގައި ބުނެފައިވަނީ، މިއީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ފަނޑިޔާރުންގެ އަދަދު ކުރިން އޮތްގޮތަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.