ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ނާގާބިލް މީހެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދަޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ ރިވެލި އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެމީހާގެ ބަދުނަސީބު ކަމުގައި ގަބޫލު ނުކުރައްވާކަމަށެވެ.
އަދި އެކަމަކީ ބަދު ނަސީބުކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި، އެމީހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން މުޖުތަމައުން ދެނެގަނެ އޭގެ ބޭނުން ހިފުމަށް މަގުފަހިކޮށްދީފި ނަމަ އެމީހުންނަކީވެސް ނަސީބުވެރިންނަށް ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކަށް ބެލުމަށް ފަހު އެމީހަކު ހަވާސާ ކޮށްލުމީ މުޖުތަމައު ގަބޫލުކުރާ އުސޫލެއްނޫން ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ އެފަދަ ފަރާތްތަކަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތައުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ ދާއިރާއިން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުުން މުހިއްމު މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ދިޔަ ރިވެލި އެވޯޑު ހަފްލާގައި އަށް ކެޓަގަރީއަކުން 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްފައިވެއެވެ.