ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރަށުގައި ތިބެގެން ފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރިވެލި އެވޯޑް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ރަށުގައި ތިބެގެން ތަފާތު ތެރަޕީތަކުގެ އިތުރުން ތައުލީމާއި ތަމްރީނުތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަިއދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މިކަމަށްޓަކައި ސަރުކާރުން ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ސޯލިހުގެ ވާހަކަފުޅުގައި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެކި ފަރުވާ، ތެރަޕީ އަދި ރިހެބިލޭޓް ކުރުމުގެ ހިދުމަތް ލިބެން ހުންނަނީ ވަރަށް މަދު މިންވަރަކަށްކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެކަމަށް ހައްލެއް ހޯދުމަށް ސިއްހީ ދާއިރާގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރަށްވުރެ މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު އެފަދަ ފަރާތްތަކާއި މެދު މުޖުތަމައުން ދެކޭގޮތް ބަދަލު ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިވެލި އެވޯޑު ދިނުމުގެ ހަފުލާގައި މިއަދު ވަނީ ތަފާތު އަށް ދާއިރާއަކުން 21 ފަރާތަކަށް އެވޯޑު ދެއްވައިފަ އެވެ.