ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ހާއްސަ ކޯޓާއެއް ހަމަޖައްސަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ވެސް ހާއްސަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ 'ރިވެލި އެވޯޑް 2019' ދިނުމަށް ޓަކައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއިން ލިބެން ހުރީ ވަރަށް މަދު މިންވަރަކަށް ކަމަށާއި އެހެންކަމުން އެ ކަމަށް ވެސް، ސިއްހީ ދާއިރާގެ ތެރެއިން އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމުގައި ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މުޅި މުޖްތަމައު މަސައްކަތް ކުރަންވީ، އެ މީހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ތައުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ ދާއިރާއިން، ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.