ޚަބަރު

އޮޑިޓް އޮފީހުގެ ބަޖެޓް ހުށަހެޅިގޮތަށް ފާސްކޮށްދިނުމަކީ މުހިންމު ކަމެއް: އާމިރު

އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހެޅި ބަޖެޓް، ހުށަހެޅި ގޮތަށް ފާސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުވާފައިވާ، އެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ބަޖެޓް ފާސްކުރުމަށްފަހު ދައުލަތުގެ އިދާރާތަކުން ފައިސާ ހޯދައިދޭން ޖެހެނީ ވަރަށް އުނދަގުލުން ކަމަށެވެ. އަދި ދައުލަތަށް ފައިސާ ލިބެނީ ހިލޭ އެހީ އާއި، ލޯނު އެހީގެ އިތުރުން ބަޖެޓުގެ ތެރެއިން އެކަނި ކަމަށް އާމިރު ވިދާޅުވިއެވެ.

ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރ ޖަމީލު އުސްމާން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 60 މިލިއަން ރުފިޔާގެ ބަޖެޓް އުނި ނުކޮށް، އޮތްގޮތަށް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޖަމީލު ވިދާޅުވީ 60 މިލިއަން ރުފިޔާގެ ބަޖެޓް 52 މިލިއަނަށް ކުޑަކުރުމަކީ ކޮށްގެން ވާނެކަމެއް ނޫން ކަމަށެވެ. އަދި މާލޭގެ ފިނި ކޮޓަރިތަކުގައި ތިބެގެން އޮޑިޓް ނުކުރެވޭނެކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ އޮޑިޓް އޮފީހުގެ މުވައްޒަފުން އަތޮޅުތަކަށް ގޮސްގެން ކުރާ އޮޑިޓްތައް ވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން އޮޑިޓް އޮފީހުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ޖަމީލު އުސްމާނު ވަނީ ގޮވައިލައްވާފައެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާތައް އޮޑިޓްކުރާ ފަރާތަކަށް އެކަށީގެންވާ ބަޖެޓެއް ދިނުމަށް ވެސް ޖަމީލު އުސްމާން ގޮވާލެއްވިއެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ރިޕޯޓު ދިރާސާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމައި އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ އަންނަ އަހަރަށް ފާސްކުރާ ބަޖެޓަކީ 52 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޮޑިޓް އޮފީހުގެ ޖުމްލަ ބަޖެޓު 60 މިލިއަން ރުފިިޔާއަށް ވުރެ އިތުރު ނުވާ މިންވަރަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން ނުވަތަ ހާއްސަ ބަޖެޓުން ފިނޭންސް މިނިސްޓްރީން ނިންމާ ގޮތަކަށް ހަމަޖެއްސުމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ ނިންމައިފަ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓްގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އޮޑިޓް އޮފީހުން ކަނޑައެޅި ގޮތަށް ބަޖެޓް ފާސްކޮށްދިނުމަށް ގޮވާލައްވާފައެވެ.